ދިވެހި ވަތަނީ ހިދުމަތުގެ ފަރާތުން ކުރިއަށް ގެންދާ، ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން 3 ވަނަ ބެޗުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް ކަމުގައިވާ “ކޭމްޕް ފަންވަރު” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހުއެވެ.
މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށްގެންދެވުނު މުހިންމު ހަރަކާތެއްކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެއިތުރުން، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ އުކުޅުތައް ދަސްކޮށްދިނުމަށާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް މި ކޭމްޕުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށް ވެސް ބުންޏެވެ.

އެގޮތުން ކުރިއަށްގެންދިޔަ ޓީމް ބިލްޑިން ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދިޔަކަމަށް ވުޒާރާއިން ބުންޏެވެ. ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމުގެ ފުރުސަތު ފަހިކޮށް އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުމާއި، އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ ނަފްސު ތަރައްގީކުރުމަށް ވެސް މި ހަރަކާތްތަކުން ބާރުއެޅިގެންދިޔަކަމަށް ވުޒާރާއިން ބުންޏެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އިސްނަގައިގެން ކަންކަން ކުރުމުގެ ގާބިލުކަމާއި، ލީޑަރޝިޕް ސިފަތަކުގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ބޭނުންވާނެ އެތައް އަސާސީ ހުނަރުތަކަކަށް ވަނީ އަމަލީ ގޮތުން އަހުލުވެރިކޮށްދީފައެވެ.
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ގުނަމުންދަނީ މި ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 341 ދަރިވަރުން ތަމްރީނު ފުރިހަމަކުރަމުން ދެއެވެ. މި ބެޗުގެ ދަރިވަރުން ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ދަސްވެނިވާނީ 2026 ސެޕްޓެންބަރު 19 ގައެވެ.










ކިޔުންތެރިންގެ ހިޔާލު