ދަރުމަވަންތަ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް ނިއުރޯސާޖަރީން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެވިގޭޝަން-ގައިޑެޑް ސިކުނޑީގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.
މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި މި ތާރީހީ އޮޕަރޭޝަން ކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ “މެޑްޓްރޯނިކް ސްޓެލްތްސްޓޭޝަން އެސް 8” ބޭނުންކޮށްގެންނެވެ. މިއީ ރާއްޖެއަށް ޒަމާނީ އަދި އެންމެ ފުރިހަމަ ނިއުރޯސާޖަރީގެ ހިދުމަތްތައް ތައާރަފުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ހާސިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ނެވިގޭޝަން-ގައިޑެޑް ސިކުނޑީގެ އޮޕަރޭޝަން ނުވަތަ ސްޓީރިއޯޓެކްޓިކް ނިއުރޯނެވިގޭޝަނަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިކުނޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ އެންމެ ފަހުގެ އެއް އުސޫލެވެ. މިއީ އެއްގަމު ދަތުރުފަތުރުގައި މަގު ހޯދުމަށް ބޭނުންކުރާ ޖީޕީއެސް ނިޒާމު ފަދައިން، އޮޕަރޭޝަންކުރާ ވަގުތު ސިކުނޑީގެ އެތެރޭގެ ހަގީގީ މަންޒަރުތައް ޑޮކްޓަރުންނަށް ތްރީޑީ (3D) ކޮށް ވަގުތުން ބަލައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ނިޒާމެކެވެ. މިއީ ސިކުނޑީގެ ޓިއުމަރުތައް ނެގުމަށާއި، ލޭހޮޅިތަކުގެ މައްސަލަތައް އަދި ނާރުގެ އެކި އޮޕަރޭޝަންތައް ކުރުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެކެވެ.
މި ޓެކްނޮލޮޖީ މަސައްކަތްކުރަނީ އޮޕަރޭޝަންގެ ކުރިން ހަދާ އެމްއާރްއައި ނުވަތަ ސީޓީ ސްކޭންތަކުގެ މައްޗަށް ބިނާކޮށެވެ. އޮޕަރޭޝަން ތިއޭޓަރުގައި ބަހައްޓާފައި ހުންނަ ހާއްސަ ކެމެރާތަކާއި ސެންސަރުތަކުގެ އެހީގައި، ސްކޭންގެ މަންޒަރުތަކާއި ބަލިމީހާގެ ސިކުނޑީގެ ހަގީގީ އެނަޓޮމީ ވަގުތުން ގުޅުވާލަދެއެވެ. މީގެ ސަބަބުން ސާޖަންގެ އަތުގައި އޮންނަ އާލާތް ސިކުނޑީގެ ކޮން ދިމާލެއްގައި، ކިހާ ފުންމިނެއްގައި ހުރިކަން ކޮމްޕިއުޓަރުގެ ސްކްރީނުން މިލިމީޓަރުގެ ކުޑަކުޑަ މިންވަރަކަށް ވެސް ސައްހަކޮށް ދައްކައިދެއެވެ.
މިފަދަ އޮޕަރޭޝަންތަކުގެ އެންމެ ބޮޑު ފައިދާއަކީ އޮޕަރޭޝަންގެ ރައްކާތެރިކަމާއި ފުރިހަމަކަން އެތައް ގުނައަކަށް އިތުރުވެގެން ދިއުމެވެ. ސިކުނޑީގެ ދުޅަހެޔޮ، މުހިންމު ބައިތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ހަމައެކަނި ބަލި ޖެހިފައިވާ ބަޔަށް ވާސިލުވުމަށްޓަކައި ކުޑަ ތަންކޮޅެއް ކަފާލައިގެން އޮޕަރޭޝަން ކުރުމުގެ ފުރުސަތު މި ނިޒާމުން ފަހިކޮށްދެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އޮޕަރޭޝަނަށްފަހު ދިމާވެދާނެ ނުރައްކާތައް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. އަދި ބަލިމީހާ އަވަހަށް ފަސޭހަވެ، ފަރުވާއަށްފަހު ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ މުއްދަތުވެސް ވަރަށް ބޮޑަށް ކުރުވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.











ކިޔުންތެރިންގެ ހިޔާލު