މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު 4،900 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.
ތައުލީމީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން ޖުމްލަ 4،973 ދަރިވަރުން ބައިވެރިވެއެވެ. މީގެ އިތުރުން 2،263 ދަރިވަރަކު އެޗް.އެސް.ސީ އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އިމްތިހާނު ހަދާ ދަރިވަރުންގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދުގެ 4 ސެންޓަރަކުން 3،284 ދަރިވަރުން އަދި އަތޮޅުތަކުގެ 49 ސެންޓަރަކުން 1،689 ދަރިވަރުން އިމްތިހާނުގައި ބައިވެރިވެއެވެ. އޭލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

މަތީ ސާނަވީ ތައުލީމު ފުޅާކުރުމުގެ ގޮތުން، މާލެ ފިޔަވައި އަތޮޅުތަކުގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 6،700 ދަރިވަރުން އޯލެވެލް ނިންމި ނަމަވެސް އޭލެވެލްއަށް ކިޔެވީ 2،100 ދަރިވަރުންނެވެ. އެހެންނަމަވެސް، 2025 ވަނަ އަހަރު އޯލެވެލް ނިންމި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވެއެވެ. އަދި މިއަހަރުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ވަނީ 4،000 އިން މައްޗަށް އުފުލިފައެވެ.










ކިޔުންތެރިންގެ ހިޔާލު