ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯވި ހާދިސާގެ ސީސީޓީވީ ވީޑިއޯ ފުލުހުން މިއަދު އާންމުކޮށް، އެ ހާދިސާއަކީ ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތުކުރެވޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަން އަލުން ކަށަވަރުކޮށްދީފިއެވެ.
މިއަދު ބޭއްވި ޕޮލިސް ކޮންފަރެންސްގައި އާންމުކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި، ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ބާރަ ވަނަ ދުވަހުގެ ފަތިހު ފަހެއް ޖަހައި ތިރީސް ތިން މިނެޓުގައި ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކެނޑިގެންދެއެވެ. އަދި އޭގެ ސާޅީސް ފަހެއް ވަރަކަށް މިނެޓު ފަހުން، އެ މިނިސްޓްރީގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި ރޯވުމުން ގްރީން ބިލްޑިންގުގައި ހުރި ބިދޭސީ ސެކިއުރިޓީ ގާޑަކު ހަރަކާތްތެރިވާ ތަން ފެނެއެވެ.
ކަމާގުޅޭ އިދާރާތަކަށް އެ ހާދިސާ ރިޕޯޓުކުރަން ގުޅާނެ ނަންބަރެއް ނޭނގުމާއި ފޯނުގައި ކްރެޑިޓް ނެތުމުގެ ސަބަބުން އެ ބިދޭސީ މީހާ އެކި ދިމާއަށް ދުވެ ހަރަކާތްތެރިވިއެވެ. ނަމަވެސް، ގްރީން ބިލްޑިންގު ކުރިމަތިން ސައިކަލެއްގައި ދިޔަ އޮފް ޑިއުޓީ ސިފައިންގެ މީހަކު ހެނދުނު ހައެއް ޖަހައި ފަނަރަ މިނެޓުގައި ހުއްޓުވައި، އެ މީހާގެ އެހީތެރިކަމަށް އެދޭ ތަން ވީޑިއޯއިން ފެނެއެވެ.

އެ ބިދޭސީ ސެކިއުރިޓީ ގާޑު ވަނީ ކަރަންޓު ނަރުތަކުގައި ރޯވި އަލިފާންގަނޑަށް ފެންޖަހައި ނިއްވާލައިފައެވެ. ނަމަވެސް ދުން އެރުން ނުހުއްޓުމުން، އެކަން ހައުސިން މިނިސްޓްރީގެ ސެކިއުރިޓީއަށް ރިޕޯޓުކުރުމަށް ގްރީން ބިލްޑިންގުގެ ސެކިއުރިޓީ އޮފިސަރާއި ސިފައިންގެ މީހާ ހައުސިން މިނިސްޓްރީގެ ތެރެއަށް ވަންނަ މަންޒަރު ވެސް އާންމުކުރި ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
އޭގެ އިރުކޮޅެއް ފަހުން އެމްއެންޑީއެފްގެ ފަޔާފައިޓަރުން އެ އިމާރާތުގެ އެކި ފަންގިފިލާތަކަށް ވަދެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނިކޮށް، ބޮޑު ހުޅުގަނޑު ފަޅައިގެން ދިޔަ ތަން ފަޔާފައިޓަރުންގެ ބޮޑީ ވޯން ކެމެރާތަކަށް ވަނީ ރެކޯޑު ކުރެވިފައެވެ. އެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެ ދުވަހުގެ މެންދުރު ބާރަ ޖަހައި ސާޅީސް މިނެޓު ހާއިރު ކަމަށްވާއިރު، އަލިފާން އެއްކޮށް ނިއްވާލެވުނީ މެންދުރުފަހު ތިނެއް ޖަހައި ތިރީސް މިނެޓު ހާއިރުއެވެ.
އެ އަލިފާން ހާދިސާގައި ޓިނު ބިލްޑިންގުގައި ރޯވެ، ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވިއެވެ. އެކަމާ ގުޅިގެން އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން މިހާރު ބަދަލުކޮށްފައިވަނީ ދަރުބާރުގެއަށެވެ.
އެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވާފައިވީ ނަމަވެސް، ފުލުހުން މިއަދު ވެސް ތަކުރާރުކޮށް ބުނެފައިވަނީ އެ ތަހުގީގުން އެއްވެސް ބަޔަކަށް ތުހުމަތު ކުރެވޭ ފަދަ ޖިނާއީ އަމަލެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު