ހަކަތައާއި ފެނުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް ހިބާ އަލްޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޔޫއޭއީގެ މަޝްހޫރު ‘މަސްދަރު’ ކުންފުންޏާ ގުޅިގެން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ.

މީގެއިތުރުން ކުނިން ހަކަތަ އުފެއްދުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މީހުން ބިނާކުރުމަށްޓަކައި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ބައިނަލްއަގުވާމީ އެހީތެރިކަން ލިބެމުންދާއިރު، މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.










ކިޔުންތެރިންގެ ހިޔާލު