ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރޮފެސަރު އުގައިލް އައު ފޮތެއް ނެރުއްވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ހިސާބު އިލްމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދިވެހި އިލްމުވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް، ހިސާބު އިލްމުގެ ތާރީހުގައި މުސްލިމް އިލްމުވެރިން އަދާކުރެއްވި މުހިންމު ދައުރު ބަޔާންކޮށްދެއްވައި އިނގިރޭސި ބަހުން ލިޔުއްވި އައު ފޮތް، “ދަ ހައުސް އޮފް އަލްޖެބްރާ” ބާޒާރަށް ނެރުއްވައިފިއެވެ.

މި ފޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރައްވަމުން ޕްރޮފެސަރު އުގައިލް ވިދާޅުވީ، މިއީ ހަމައެކަނި މި ދާއިރާގެ މާހިރުންނަށް ހާއްސަ ފޮތެއް ނޫން ކަމަށާއި، ތާރީހާއި އިލްމަށް ލޯބިކުރާ ކޮންމެ ކިޔުންތެރިއަކަށް ވެސް އަމާޒުކޮށްފައިވާ ފޮތެއް ކަމަށެވެ. އަދި މިއީ ފާއިތުވެދިޔަ ކަންކަމާމެދު ހިތާމަފާޅުކުރުމުގެ ބަދަލުގައި، ފޮރުވިފައިވާ ތާރީހީ ހަގީގަތްތައް އަލުން ދިރުވައި އާލާކުރުމަށް ލިޔުއްވި ފޮތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޮތުގެ މައިގަނޑު މަގުސަދަކީ ހިސާބު އިލްމާއި އިސްލާމީ ތާރީހާ ދެމެދު އޮތް ވަރުގަދަ ގުޅުން މި ޖީލަށާއި އަންނަން އޮތް ޖީލުތަކަށް އަންގައިދީ، އިސްލާމީ ރަންދައުރުގައި އިލްމުވެރިން ވެދެއްވި އަގުހުރި ހިދުމަތްތަކަށް ހައްގު މަގާމު ހޯއްދަވައިދެއްވުމެވެ. ޕްރޮފެސަރު އުގައިލް ފާހަގަކުރެއްވި ގޮތުގައި، ހިސާބު އިލްމުގެ ތާރީހު ބަޔާންކުރުމުގައި ގިނައިން އަލިއަޅުވާލެވެނީ ޔޫނާނާއި ޒަމާނީ ޔޫރަޕުގެ ހޯދުންތަކަށެވެ. ނަމަވެސް، ބަޣުދާދާއި، ނިޝާޕޫރު އަދި ސަމަރުގަންދު ފަދަ އިސްލާމީ މަރުކަޒުތަކުން އުފެދުނު އިލްމުވެރިން ވަނީ ކުރީގެ އިލްމުތައް ރައްކާތެރިކުރެއްވުމުގެ އިތުރުން، އެ އިލްމު މުޅިން އައު ހަރުފަތަކަށް ގެންގޮސްދެއްވާފައެވެ.

HajjCop_ads
Advertisement

ފޮތުގައި އަލިއަޅުވާލައްވާފައިވާ މުހިންމު ބައިތަކުގެ ތެރޭގައި، އަލްޖެބްރާއާއި މި ޒަމާނުގެ ޓެކްނޮލޮޖީގެ ބިންގާ ކަމުގައިވާ “އަލްގޮރިދަމް”ގެ ބާނީ އަލް-ޚަވާރިޒަމީގެ ހިދުމަތްތައް ހިމެނެއެވެ. މީގެއިތުރުން، ހުޅަނގުގެ ދުނިޔޭގައި ހަމައެކަނި ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އުމަރު ޚައްޔާމް ޖިއޮމެޓްރީގެ އަލީގައި ކިއުބިކް އިކުއޭޝަންތައް ހައްލުކުރެއްވި ގޮތާއި، ބިމުގެ ވަށަމިން ހޯއްދެވުމަށް އަލް-ބައިރޫނީ ކުރެއްވި ފާހަގަކޮށްލެވޭ ދިރާސާތަކުގެ އިތުރުން، ޔޫރަޕަށް ވެސް ފަހަނައަޅައިދިޔަ ފަދަ ސީދާ ހިސާބުތަކެއް ހެއްދެވި އަލް-ކާޝީގެ ތާރީހީ މަސައްކަތްޕުޅުތައް ހިމަނުއްވާފައިވެއެވެ.

އިލްމުވެރިންގެ ތާރީހުގެ އިތުރުން، އިލްމީ އީޖާދުތަކަށް މަގުފަހިކޮށްދިން ބަޣުދާދުގެ މަޝްހޫރު “ބައިތުލް ޙިކްމާ” ފަދަ އިލްމީ މަރުކަޒުތަކުގެ ދައުރާއި، އަރަބި ބަހުން ލެޓިން ބަހަށް އިލްމީ ފޮތްތައް ތަރުޖަމާކުރެވި، ދުނިޔެއަށް އެ އިލްމު ފެތުރިގެން ދިޔަ ގޮތުގެ މައްޗަށް ވެސް މި ފޮތުގައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.

ޕްރޮފެސަރު އުގައިލްގެ “ދަ ހައުސް އޮފް އަލްޖެބްރާ” މިހާރު އެމެޒޯން މެދުވެރިކޮށް ގަންނަން ލިބޭނެއެވެ. މި ފޮތުގެ އަގަކީ 18 އެމެރިކާ ޑޮލަރު ނުވަތަ 277.56 ދިވެހި ރުފިޔާއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު