ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ޤަވާއިދާ އެއްގޮތަށް ސައިކަލެއް ނައްތާލަން ގެންދިޔަ މަންޒަރުކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި ފުލުހުންގެ އުޅަނދަކުން ގެންދިޔަ ޓްރަކަކުން ސައިކަލެއް ވައްޓާލާ މަންޒަރު ފެންނަ ވީޑއޯއެއް ދައުރުވާން ފަށާފައެވެ. މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ވީޑިއޯގައި ފެންނަ ސައިކަލަކީ ޓޯކޮށް، ހަވާލުވާންޖެހޭ މުއްދަތުގައި ހަވާލުނުވުމުގެ ސަބަބުން ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދެއް ކަމަށް ބުނެފައެވެ.
ވީޑިއޯއިން ފެންނަ މަންޒަރަކީ އެފަދަ އުޅަނދުތައް ނައްތާލައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ފުލުހުންނަށް ހަމަޖެހިފައިވާ ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރާ މުއްދަތުގައި ހަވާލުނުވެއްޖަނަމަ 60 ދުވަހުގެ ތެރޭގައި އެ އުޅަނދާ ހަވާލުވާން އިއުލާން ކުރެއެވެ. އެ މުއްދަތުގައި ހަވާލުނުވެއްޖެނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅައި، 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން ރަޖިސްޓްރޭޝަން ބާތިލްކުރަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އުޅަނދާ ހަވާލުވާން އިއުލާންކުރާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ނީލަމެއްގައި ވިއްކާލުން ނުވަތަ އެ އުޅަނދެއް ނައްތާލުމުގެ ބާރުވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިދެއެވެ.










ކިޔުންތެރިންގެ ހިޔާލު