ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ( ތެލެނޯޓާ އެނެކްސް) އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެކްސްޕޯޓްކުރެވޭނެ މިންވަރާއި ހަމަތައް ކަނޑައަޅައި، މި ވިޔަފާރިކުރުމަށް 7 ފަރާތަކަށް ކޯޓާ ދޫކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، ކައްޗަލަ ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން “ކެޔޮޅު” ޕޯޓަލް މެދުވެރިކޮށެވެ. އަދި ޝަރުތުހަމަވާ ފަރާތްތަކަށް ކޯޓާ ދޫކުރުމަށް ނިންމައި އެ ފަރާތްތަކުގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.
ކައްޗަލަ އަކީ 2022 ވަނަ އަހަރު ބޭއްވުނު ‘ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ’ (ސައިޓީސް) ގެ ބައްދަލުވުމުގައި، އޭގެ އާބާދީ ދަށްވަމުންދާ ކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ މުއާހަދާގެ ޖަދުވަލު ދޭއް ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖަދުވަލު ދޭއް ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދައާއެކު، ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ “ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ” (އެން.ޑީ.އެފް) އަކުން އެ ބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި ނެގޭނެ މިންވަރު ކަނޑައެޅުމަށް ފަހުގައެވެ.

މިގޮތުން ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމުގައިވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން އެންޑީއެފް އެކުލަވާލައި ނިންމުމާ ގުޅިގެން، ކުރިއަށް އޮތް 12 މަސްދުވަހަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނުގެ ކޯޓާއެކެވެ. އެހެންކަމުން، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދިވެހިރާއްޖެއިން މި ބާވަތް އެކްސްޕޯޓް ކުރުމަށް ދޫކުރާ ސައިޓީސް ޕާމިޓް ދޫކުރާނީ އެންޑީއެފް އިން ކަނޑައަޅާފައިވާ 10.95 ޓަނާ ހަމައަށް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ކައްޗަލަ އެކްސްޕޯޓްކުރުމަށް ކޯޓާ ދޫކުރެވުނު 7 ކުންފުނި:
އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
އެސް.އެމް. އިންވެސްޓްމަންޓް
މަލަކް އިންވެސްޓްމަންޓް
ވިލިނގިލި ފިޝް ވިލެޖް
ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މި އުސޫލުތައް އެކުލަވާލައި ކޯޓާ ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަސްވެރިކަމާއި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު