މިއަހަރު އޯލެވެލް އިމްތިޙާނުގައި ރާއްޖެއިން 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގްރޭޑް 10އެއް ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު މިމަހުގެ 20 އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. އެވުޒާރާއިން ވިދާޅުވީ، އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާއިރު އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވާނެކަމަށެވެ.
މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްކި ޚާއްސަ އިންޓަރވިއުއެއްގައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އޯލެވެލް އިމްތިޙާނު ހަދާ ހުރިހާ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ހުރިހާ ކުދިންވެސް ނަމާދުން ހިތްވަރު ލިބިގަނެ ރަނގަޅު ނަތީޖާއެއް ދެއްވުން އެދި މާތްﷲއަށް ގިނަ ގިނައިން ދުޢާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
“މިހާރު އިންތިޙާނު ޖެހުނުއިރު ﷲގެ ރަޙުމަތުން ހުރިހާކުދިންވެސް ތައްޔާރުވެފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމަ އިމްތިޙާނު ހަދާ ދުވަސްތަކުގައި ކުދިން މާބޮޑަށް ހާސްވާނެހެން ސްޓްރެސް ވާނެހެން ޕުޝްކުރުމަކީ ބުއްދިވެރިކަމަކަށްނުވާނެ. ކުދިންނަށް ބުނެލާނީ ހުރިހާ ކުދިންވެސް ފަތިސް ނަމާދުން ފަށާށޭ ދުވަސް އަދި ރަނގަޅު ނަތީޖާއެއް ދެއްވާތޯ ގިނަގިނައިން ﷲއަށް ދަންނަވާށޭ.” ވަޒީރު
ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.
އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް ސަރުކާރުންވަނީ މިހާރު ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ބަދަލުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު