ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ސަފު ވަރުގަދަކުރުމުގެ ގޮތުން، އެ ޕާޓީގެ ލީޑާޝިޕަށް އިތުރު 10 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕާޓީގެ އަސާސީ ގަވާއިދުން ރައީސަށް ލިބިވަޑައިގަންނަވާ ހާއްސަ އިހްތިޔާރުގެ ދަށުން އައްޔަނުކުރެއްވި މި ބޭފުޅުން ވަނީ މިއަދު މަގާމުގެ ހުވާވެސް ކުރައްވާފައެވެ.
އަލަށް ލީޑާޝިޕަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެއީ މިނިސްޓަރު މުހައްމަދު އަމީން އާއި، މިނިސްޓަރު ގީލާ އަލީގެ އިތުރުން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
މީގެއިތުރުން ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އާއި، ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އަދި މިނިސްޓަރު މުހައްމަދު ތޮލާލުވެސް ވަނީ ލީޑާޝިޕަށް އައްޔަނުކުރައްވާފައެވެ.

ސަފީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީގެ ލީޑާޝިޕުން ޖާގަ ދެއްވާފައިވަނީ ކުރިންވެސް އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ފުރުއްވި ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޕާޓީގެ ލީޑާޝިޕަށް ބޭފުޅުން އައްޔަނުކުރެއްވި އިރު، އޭގެ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހިމެނިވަޑައިގަންނަވައެވެ.










ކިޔުންތެރިންގެ ހިޔާލު