ތައިލެންޑުގެ ބެންކޮކްގައި ހުންނަ ޝަންގްރިއްލާ ހޯޓެލްގައި މި ސެޕްޓެމްބަރު މަހުގެ ސައުދީން ސޯޅައަށް ބާއްވާ “ޓޫނާ ދެ ހާސް ސައްވީސް” ކޮންފަރެންސްގައި، ރާއްޖޭގެ މަސްވެރިކަމުގެ ކުންފުނި މިފްކޯއިން ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ ސިނާއަތާއި، އިގުތިސާދީ އަދި ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. މި އަހަރުގެ ކޮންފަރެންސް ކުރިއަށް ދަނީ ކަނޑުމަހުގެ ސިނާއަތުގައި އުފެއްދުންތެރިކަމުގެ ގުޅުން ބަދަހިކުރުމާއި، ނޫ އިގުތިސާދާއި ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ޝިއާރުގެ ދަށުންނެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ މަންދޫބުންގެ ތެރެއިން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވަނީ ރަސްމީ ތަގުރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުމަހުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ވާދަވެރި އަދި ދެފުށް ފެންނަ ކަނޑުމަހުގެ ސިނާއަތެއް ބިނާކުރުމާ ބެހޭ ސެޝަންގައި، މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އިބްރާހީމް އާތިފް ޝަކޫރު ވަނީ “ދޮށީގެ މަސްވެރިކަން: އެއީ ދިވެހިންގެ ގޮތް” މި މައުޟޫއަށް ހާއްސަ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އާތިފްގެ ހުށަހެޅުމުގައި ރާއްޖޭގެ ސަގާފަތާއި ގައުމީ އައިޑެންޓިޓީއާ ގުޅިފައިވާ ދޮށީގެ މަސްވެރިކަމުގެ މުއްސަނދި ތާރީހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއީ ޒަމާނީ ނޫ އިގުތިސާދެއްގައި ދުނިޔެއަށް ހުރި އެންމެ އުސް މިންގަނޑުކަން ފާހަގަކުރެއްވިއެވެ.
މިފްކޯއިން ބައިނަލްއަގުވާމީ މިފަދަ ބޮޑު ކޮންފަރެންސެއްގެ ޕްލެޓިނަމް ސްޕޮންސަރޝިޕް ނެގުމަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކޮށް، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ހައްގު މަގާމު ހޯދައިދިނުމަށް އެކުންފުނިން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.










ކިޔުންތެރިންގެ ހިޔާލު