ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ބަދަލުތަކަކީ އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ނިންމުމެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ، އެސްއޯއީތައް އިސްލާހުކުރުމުގެ މަސައްކަތުގައި ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހާމަކުރެއްވުމާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ބަދަލުތައް ގެންނަވަން ނިންމަވާފައެވެ. މިގޮތުން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމެވުމެވެ. ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމާފައިވާއިރު އާރްޑީސީގެ ހިދުމަތްތައް ބަދަލުކުރަން ނިންމާފައިވަނީ އެމްޓީސީސީގެ ދަށެވެ.

އިތުރު ބަދަލުތަކުގެ ތެރޭގައި، ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތްތައް ފަށަން ކެބިނެޓުން ނިންމާފައިވާކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ. މީގެ އިތުރުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރެއްވުމަށް ނިންމަވާފާވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމުމެއް،” ފަހުމީ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ފަހުމީ ވިދާޅުވީ، މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން، ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމަކީ އެސްއޯއީތަކަށް ބޭނުންވާ މުހިއްމު ނިންމުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކާއެކު އެސްއޯއީތަކުގެ ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެދެވޭ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު