ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ ”އެލްނީނޯ“ ގެ އަސަރު ރާއްޖެއަށް އެންމެ ގަދައަށް ކުރާނީ އަންނަ ނޮވެންބަރު މަހު ކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު މެޓް އޮފީހުން ވަނީ، އެލްނީނޯގެ ބާރު ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު އެ އިދާރާއިން ވަރަށް ގާތުން މޮނީޓަރު ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.
އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ. މިއީ ވަކި ހާއްސަ ތަރުތީބަކުން ނޫން ނަމަވެސް، އާންމުކޮށް ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކުރިމަތިވާ ގުދުރަތީ ހާލަތެކެވެ. ގިނަ ފަހަރަށް އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. އަދި ބައެއް ހާލަތްތަކުގައި އެތައް އަހަރަކަށް ވެސް މިކަމުގެ އަސަރު ދެމިގެންދާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެއަށް މި ކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނީ އަންނަ ނޮވެންބަރު މަހު ކަމަށެވެ. އަދި މި ހާލަތު އަންނަ އަހަރުގެ ފެބުރުވަރީ މަހާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް ލަފާކުރެވޭއިރު، އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވާރޭ ވެހޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެ ކަމަށް ވެސް މެޓުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވުމާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މެޓުން ވަނީ އިންޒާރު ދީފައެވެ. އަދި އެ ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުމަށް އަންނަ މި ބޮޑު ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި މަސްވެރިކަން ފަދަ މުހިންމު ސިނާއަތްތަކުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން އިލްތިމާސްކޮށްފައެވެ










ކިޔުންތެރިންގެ ހިޔާލު