މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި 113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ފައިސާއަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރެވުނު ފައިނޭންސިންގް އެހީއެކެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މަސްވެރިންނަށް މި ފައިސާ ދޫކުރަމުން ދަނީ “މަސްވެރިޔާ ޕޯޓަލް” މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މަސްވެރިންނަށް ފަސޭހަކަމާއެކު އިސްލާމިކް ފައިނޭންސިންގެ އެކި ސްކީމްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ.

މި ޚިދުމަތް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. އަދި މޭ މަހުން ފެށިގެން މި ސްކީމްގެ ދަށުން އަންނަނީ ލޯނު ދޫކުރަމުންނެވެ. މި ޕޯޓަލްގެ އެހީގައި، ބޭންކުގެ ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް ކޮންމެ ވަގުތެއްގައި ލޯނަށް އެދި ހުށަހެޅުމުގެ ލުއިފަސޭހަކަން މަސްވެރިންނަށް ލިބިގެންދެއެވެ.
“މަސްވެރިޔާ ޕޯޓަލް” މެދުވެރިކޮށް ތަފާތު އެކި ބޭނުންތަކަށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އޭގެ ތެރޭގައި ގެދޮރު އެޅުމާއި އިމާރާތް މަރާމާތުކުރުމާއި، މަސްވެރިކަމުގެ ސާމާނު ގަތުމާއި އައުކުރުމުގެ އިތުރުން ދަރިންނަށް މަތީ ތައުލީމު ހޯދައިދިނުން ހިމެނެއެވެ. މީގެއިތުރުން އޮޑިދޯނިފަހަރު ބަނުމާއި، ގަތުމާއި، މަރާމާތުކުރުމަށާއި ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅޭނެއެވެ.
ސަރުކާރުން ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، އެހެން ދާއިރާތަކެކޭ އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. މަސްވެރިންނަށް ފަސޭހައިން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް ކިރުވައި ފައިސާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގައެވެ. އެ މަހު 4،414 ޓަނުގެ މަސް ކިރުވައި، 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު