ފަލަސްޠީނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، ސަފީރު ކަމުގެ ފަތްކޮޅު އެޤައުމުގެ ސަރުކާރަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮންލައިންކޮށެވެ.
ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައަޅާފައިވާ އައު ސަފީރު، ފަތްކޮޅު އެރުވީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަންއަށެވެ. އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ޒުހުރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުމާއި ތަހުނިއްޔާ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މިބައްދަލުވުމުގައި ސަފީރު ޒުހުރީ ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވާފައެވެ. އަދި ސަފީރުގެ ދައުރުގެ ތެރޭގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަލަސްޠީނުގެ މައްސަލައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބި ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ފަލަސްޠީނަކީ މިނިވަން އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ޤައުމެއްކަން ދިވެހިރާއްޖެއިން ޤަބޫލުކުރާ ކަމަށާއި، އެ ޤައުމުގެ ބޯޑަރު ކަނޑައަޅަންވާނީ 1967 ކުރީގެ ބޯޑަރަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމާއެކު ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވެން ޖެހޭކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަން ވަނީ ސަފީރު ޒުހުރީއަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރުގެ މަޤާމުގެ ދައުރުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ މަޤާމުގެ ދައުރު ފުރިހަމަ ކުރައްވާނީ ރާއްޖޭގައި ހުރެގެން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު