ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެސްޓީއޯ ދެކުނު ފޯރި" މިއަހަރުވެސް ވަރަށް ކުލަގަދަކޮށް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ.

އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި މި އިވެންޓަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބްގެ އިސްނެގުމުގެ މަތިން ޖުމްލަ ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށާއި، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ތަމްރީނާއި ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވި އިވެންޓެއްކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.

މި އަހަރުގެ ހަރަކާތުގައި ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ ސިޓީ، ހުޅުމީދޫ އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާކަމަށް އެސްޓީއޯ އިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެސްޓީއޯ ދެކުނު ފޯރި ހަރަކާތުގެ ތެރެއިން - ފޮޓޯ: އެސްޓީއޯ

މި ހަރަކާތުގެ ތެރެއިން މުވައްޒަފުންގެ މެދުގައި ކުޅިވަރާއި ރެކްރިއޭޝަނަލް އެކި މުބާރާތްތައް ބާއްވާފައިވެއެވެ. މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ފަސް ޓީމަކަށް ބަހާލައިގެން ޕޮއިންޓް ދީގެން އެންމެ މޮޅު ޓީމު ހޮވާ ގޮތަށެވެ. އެގޮތުން ވޮލީބޯޅަ، ޗެސް، ބެޑްމިންޓަން، ޓީޓީ އަދި ކެރަމް މުބާރާތްތައް ވަނީ ކުރިއަށް ގެންގޮސް، ވަނަވަނައަށް ދިޔަ ޓީމުތައް ހޮވާފައެވެ.

އެސްޓީއޯ ދެކުނު ފޯރި ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެސްޓީއޯ

ކުޅިވަރުގެ އިތުރުން މުވައްޒަފުންގެ ހުނަރާއި މައުލޫމާތު މުއްސަނދި ކުރުމުގެ ގޮތުން މުހިންމު ތަމްރީނު ޕްރޮގްރާމްތަކެއްވެސް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި:

  • ފަސްޓް އެއިޑް ޓްރެއިނިންގ
  • ފަޔަރ އެވެއަރނަސް ޓްރެއިނިންގ
  • ފޯނުން މުއާމަލާތު ކުރުމުގައި ގެންގުޅެންޖެހޭ އަދަބުތަކާއި އުސޫލުތައް
  • ޓީމް ބިލްޑިންގ ހަރަކާތްތައް
  • މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ބެހޭ ޓްރެއިނިންގ ހިމެނެއެވެ.

އެސްޓީއޯ އިން ބުނީ މި އިވެންޓް ނިންމުމުގެ ގޮތުން ހާއްސަ "ޑިނަރ ނައިޓް" އެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މި ހަފްލާގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މި ހަފްލާގައި "ދެކުނު ފޯރި" ގެ އެކި މުބާރާތްތަކުން ވަނަތައް ހޯދި ޓީމުތަކަށާއި ގްރޫޕްތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.