ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރީޖަނަލް އޮފީސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ރަށްތައް ރަސްމީކޮށް ކަނޑައަޅައިފިއެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ރަށްތައް ކަނޑައަޅާފައިވަނީ ރޭ ބޭއްވުނު އެ އެސޯސިއޭޝަންގެ 16 ވަނަ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެގޮތުން، ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ހއ. ދިއްދޫގައި ގާއިމްކުރުމަށް ނިންމާފައިވާއިރު، ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އދ. މަހިބަދޫގައެވެ. އަދި ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ލ. ގަމުގައި ގާއިމްކުރުމަށް ނިންމާފައިވާއިރު، މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ހުންނާނީ މާލޭގައެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ގާއިމް ކުރުމަށް ނިންމާފައިވާކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެފްއޭއެމްއިން މި ރީޖަނަލް އެސޯސިއޭޝަންތައް އެކުލަވާލުމުގައި ބަލާފައިވަނީ މިހާރު ވެސް ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ އޮނިގަނޑަށެވެ. އެގޮތުން ހިމެނޭ ސަރަހައްދުތަކަކީ:
- ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ
- ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު
- ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ
- މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލެ
މި ނިންމުމާ ގުޅިގެން އެފްއޭއެމްއިން ފާހަގަކުރި ގޮތުގައި، ރީޖަނަލް އެސޯސިއޭޝަންތައް އުފެދި ހިންގަން ފެށުމުން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ރާއްޖޭގެ ފުޓްބޯޅައިގެ މުހިންމު ނިންމުންތަކުގައި ބަސްބުނުމުގެ ފުރުސަތާއި ވޯޓު ލުމުގެ ހައްގު ފުރިހަމައަށް ލިބިގެންދާނެއެވެ. މިއީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.










ކިޔުންތެރިންގެ ހިޔާލު