މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ޚާއްޞަ އޮފީހެއް ހެދުމަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނު ހެދީ ތަޖުރިބާގެ އަލީގައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީގުގައި އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ހާއްސަކޮށް އުފައްދާ އޮފީހަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ލިބޭނެ އޮފީހެއްކަމަށެވެ. ރައީސް ވިދާލުވީ އެއީ ވަރަށް ގިނަ އަހަރުތަކުގެ ތަޖުރިބާއިން ނިންމެވި ނިންމެވުމެއްކަމަށެވެ.
އަޅުގަނޑު އެކި ފަހަރު މަތިން، އެ ކި ހައިސިއްޔަތުން ކުރީގައި، މާލޭގެ މި ޓްރެފިކް މައްސަލައާއި މަގުތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރިން. އެ ކަންކަމުގެ ތަޖުރިބާގެ އަލީގައި މި އިސްލާހު މި ގެނައީ.
Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަދު ތަސްދީޤްކުރި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ކަނޑައަޅައިފައިވެއެވެ.
މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަ މާލެ ސަރަޙައްދު ހަމަޖައްސައި، މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ޙާއްޞަ އޮފީހަކާއި، އެ ސަރަހައްދާގުޅޭ ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ.
މި ޤާނޫނާއެކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ ފައިސާގެ އަދަދު 5000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސްގެ ޕޮއިންޓު ޑީމެރިޓް ކުރެވޭ ސިސްޓަމެއްވެސް އެކުލަވާލާނެއެވެ.
މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުން ކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ބިލަށް ޢަމަލުކުރަން ފަށާނީ، މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 78/70 (މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު) އުވުނީއެވެ.











ކިޔުންތެރިންގެ ހިޔާލު