ނިގުޅައިގަނެވިފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސައޫދި އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމާ ގުޅޭގޮތުން، އިސްލާމީ އުންމަތުގެ މެންބަރު ގައުމުތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދިޔަކަމީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.

އޯއައިސީގެ ބައްދަލުވުމުގައި އެކަމަނާ ދެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރެއްވިއެވެ. އަދި އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯ.އައި.ސީ. މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދެމެހެއްޓިނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް” ތަންފީޒުކުރުމަށް ގޮވާލެއްވިއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯ.އައި.ސީގެ ބައެއް މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކޮށް، އޯ.އައި.ސީ. އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.










ކިޔުންތެރިންގެ ހިޔާލު