ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުހައްމަދު ހަލީލު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ތަރުޖަމާނު ހާމަކުރައްވާފައެއް ނުވެއެވެ.

ޓޫރިޒަމް ދާއިރާގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ހަލީލު އިސްތިއުފާ ދެއްވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދަނޑިވަޅެއްގައެވެ. މި އިސްލާހުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ސާއްވިސް އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަން ޖެހެނީ ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ ހަ އިންސައްތައެވެ.

މީގެ އިތުރުން ފާއިތުވި އަހަރު ތެރޭގައި މަދުވެގެން ފަންސާވީސް މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބުނު ފަރާތްތަކުން އެ ފައިސާ މަރުކަޒީ ބޭންކުން ލައިސަންސް ދީފައިވާ ބޭންކު އެކައުންޓަކަށް ޖަމާކުރުން ވަނީ ލާޒިމުކޮށްފައެވެ.

މަރުކަޒީ ބޭންކުން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި އިޝްތިހާރު ކުރުންވެސް އެ ބިލުން ވަނީ މަނާކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ.