ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެގައުމުގެ ބޮޑުވަޒީރު ރިޓަޔާޑް އޮނަރަބަލް ބަލެންދްރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް މި ހާދިސާގައި ފުރާނަ ގެއްލުނު އާއިލާތަކަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު