ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި، މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ރެކޯޑު ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް އެ ރަށް ވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ހާމަކުރެއްވި ގޮތުގައި، 609 ހެކްޓަރު ހުންނަ ގަމަށް ވުރެ އިތުރަށް 107 ހެކްޓަރުގެ ބިން ރަސްމާލެއިން މިހާރު ވަނީ ހިއްކާ ނިންމާފަ އެވެ. ރާއްޖޭގެ ތާރީޚުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކަން ކަނޑައަޅާފައިވާ 1,150 ހެކްޓަރުގެ ބިމުގެ ތެރެއިން 62 ޕަސެންޓު މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ އިސް މަޝްރޫއެވެ. ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގެ ދަށުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް މިނިސްޓްރީން އިވެލުއޭޓްކޮށް ނިމޭއިރު ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް އޮންނާނީ ނިމިފައެވެ.
ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ސަރުކާރުގެ ހައުސިން ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރާނެއެވެ.
“ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، “ބޯހިޔާވަހިކަން ޕޯޓަލް” މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމު ހިމެނެއެވެ.










ކިޔުންތެރިންގެ ހިޔާލު