ދިރާގު މާލެ އޯޕަން 2026 ގައި 420 އަށް ވުރެ ގިނަ ފެތުންތެރިން ވާދަކޮށް މުބާރާތް ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.
މިއީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މަހުގެ 21 އިން 22 އަށް މި މުބާރާތް ކުރިޔަށް ގެންދިޔައީ ރަސްފަންނު ސަރަހައްދުގައި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ ތަފާތު ފެންވަރުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.

މި އަހަރު އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއާ ބެހޭ ގޮތުން ދިރާގުން ބުނީ އެ ކެޓަގަރީގެ ސަބަބުން ރަހުމަތްތެރިންނާއި އާއިލާ އަދި ފެތުމުގެ ކްލަބުތަކަށް ޓީމެއްގެ ގޮތުގައި އެކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
މީގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލީޓުންނާއި ޕެރަ ސްވިމަރުން ވެސް އެހެން ބައިވެރިންނާ އެކު އެކި ދުރުމިންތަކުގެ ރޭސްތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އޯޕަން ވޯޓާ ފެތުން ކުރިއެރުވުމާއި އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަށް ބާރުއެޅުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން ގިނަ ބަޔަކަށް ބައިވެރިވެވޭ މިފަދަ ކުޅިވަރު ހަރަކާތްތައް ބާއްވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު