ހދ. ނައިވާދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށް އެބަދެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ކުރިއަށްދާއިރު، އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ އެކި މަސައްކަތްތައް ތަރުތީބުން ދަނީ ކުރަމުންނެވެ. އެގޮތުން ތަނބުތަކާއި ބީމްތަކުގެ ދަގަނޑު އެޅުމާއި ރިންގް ހެދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދެއެވެ.

މި އިމާރާތަކީ ނައިވާދޫ ސުކޫލުގެ ދަރިވަރުންގެ ތައުލީމީ އަދި އިތުރު ހަރަކާތްތައް ހިންގުމަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އިމާރާތުގެ މަސައްކަތް ނިމުމުން ސުކޫލުގެ އެކި އެކި ހަރަކާތްތައް ބޭއްވުމަށް އެކަށީގެންވާ ޒަމާނީ ޖާގައެއް ލިބިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުން ތައުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ސުކޫލުތަކުގެ ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އެމްޓީސީސީން ދަނީ އިސްކަންދެމުންނެވެ.