ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފިއެވެ.
މިދިޔަ މެއި މަހު ޖޭއެސްސީގެ ނައިބު ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވި ޔަޒްމީދު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ފަރާތެކެވެ. އޭނާ އަކީ ގަވާނަންސް އާއި އޮޑިޓިން އާއި އެންޓި-ކޮރަޕްޝަން އާއި އެކައުންޓިން އާއި ފައިނޭންސް އާއި ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް ކަމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ހިމެނެއެވެ.
ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސާޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އޯޕަން ޔުނިވަސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީއިން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ވެސް ހާސިލުކުރައްވާފައިވެއެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ އެ ކުންފުނީގެ ބޯޑުގެ އަމާޒަކީ އަލަށް އައްޔަނުކުރި ސީއީއޯގެ އިސްނެންގެވުމުގެ ދަށުން އެ އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެން ދިއުން ކަމަށެވެ. އަދި ރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެން ދިއުން ކަމަށްވެސް ބުންޏެވެ.
ޔަޒްމީދު ޖޭއެސްސީގައި އިންނެވީ ރައީސް އައްޔަނު ކުރެއްވި މެންބަރުގެ ހައިސިއްޔަތުންނެވެ. އޭނާ ވަނީ އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ވާދަކުރައްވައިފައެވެ.








ކިޔުންތެރިންގެ ހިޔާލު