ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްނަގައިގެން “އެޗް.އާރް އިންސައިޓް” ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.
މި ފޯރަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ފޯރަމްގައި ސަރުކާރު ހިއްސާވާ ތޭރަ ކުންފުންޏަކުން ޖުމްލަ ތިރީސް ފަސް ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމް ބާއްވާފައިވަނީ ކާފު ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައެވެ. މި ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

ފޯރަމް އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، މި ފޯރަމުން ފާހަގަވެގެންދާ އެންމެ މުހިންމު އެއް ކަމަކީ އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީވެސް އެއީ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި، ކުރިއެރުމާއި، އަދި ނަތީޖާ ނެރުމުގެ ހަގީގަތަށް ބަލާއިރު، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ތަނެއްގެ ބެލެންސް ޝީޓުން ސީދާ ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށް އަޒްވަރު ފާހަގ ކުރެއްވިއެވެ.
ޑރ. އަޒްވަރު އިތުރަށް ވިދާޅުވީ، ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ގާބިލުކަމާއި ހުނަރުވެރިކަމުން ކަމަށެވެ. އަދި އިންސާނީ ވަސީލަތްތަކުގެ ނަޒަރިއްޔާތުން ބަލާއިރު މުވައްޒަފުންގެ ވަޒީފާގެ މަގާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، އެ މުވައްޒަފުންގެ ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މުވައްޒަފުން ހޯދުމާއި ވަޒީފާގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި، މުވައްޒަފުންގެ އިހްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް ޑރ. އަޒްވަރު ވިދާޅުވިއެވެ. އެހެންކަމުން، މިކަމާ ގުޅޭގޮތުން ކުންފުނިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަކީ އެންމެހައި މުއައްސަސާތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ނުވަތަ މިހާރު ހުރި ހުނަރުތަކަށް އެކަނި ނޫން ކަމަށާއި، ބަދަލުވަމުން އަންނަ މާހައުލާ އެއްގޮތަށް މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުތަކާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ޑރ. އަޒްވަރު ވިދާޅުވިއެވެ. އަދި މުވައްޒަފުން ކުރިއެރުވުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ، އެދެވޭ ނަތީޖާއެއް ހާސިލުކުރުމަށް އެހީތެރިވެދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރެއްވުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއި ނިންމަވާ ހަރުދަނާ ނިންމެވުންތަކަށްޓަކައި އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޑރ. އަޒްވަރު ވަނީ ޝުކުރު ދަންނަވާފައެވެ.










ކިޔުންތެރިންގެ ހިޔާލު