ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރި ފަށަން ފަންޑެއް ޤާއިމުކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކުންފުނިތައް “ރައިޓް ސައިޒް” ކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އެހެންކަމުން އެފަރާތްތަކުން އަމިއްލަ ވިޔަފާރި ފެށުމަށް ފަންޑެއް ޤާއިމްކޮށްފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު މިއަދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވަނީ އެ މުވައްޒަފުންނަށް އިތުރު ގޮތްތައް ހޯދައިދިނުމަށްފަހު ކަމަށެވެ. ވަޒީރު ދައުލަތުގެ ކުންފުނިތައް މާލީގޮތުން ހަރުދަނާކުރަން އެ ކުންފުނިތައް “ރައިޓް ސައިޒް” ކުރާއިރު ވަކިވާ މުވައްޒަަފުންނާއި ދައުލަތުގެ ވަޒީފާއަކުން އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތްތައް ރާވާފައިވާ ކަމަށެވެ. “ކުމެވި”ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި 600 މިލިޔަން ރުފިޔާގެ ފަންޑެއް މިހާރު ޤާއިމުކޮށްފާއިވާ ކަމަށާއި އެ ފަންޑަކީ ވަޒީފާއިން ވަކިވާ އަދި ވަކިކުރާ މުވައްޒަފުން އަލަށް ވިޔަފާރި ފަށަން ހުޅުވާލަދޭ ދޮރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވީ، އެ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކަށް ބަލައި، ފަންޑު ހަމަޖެހޭނެ ކަމަށެވެ. އަދި ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ޕްރޮޕޯސަލް ބީސީސީ މެދުވެރިކޮށް ތައްޔާރު ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންވީމާ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ، އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ.
މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ، މި ފަންޑުގެ ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރުވެސް ހުރި ފައިސާ ކަމަށެވެ. އަދި މި މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އަދި ހިންގުމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަމުންދާ ދަނޑިވަޅެއްގައި، އިޤްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ސިޔާސަތާއެކު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތައް އުފައްދައި އާމްދަނީ ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފުޅާކޮށްދެވޭނެ ކަމަށްވެސް މާލީ ވިދާޅުވިއެވެ.








ކިޔުންތެރިންގެ ހިޔާލު