ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އިސްތިޢުމާރީ ބާރުތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ކުރެވުނު ތާރީޚީ ޖިހާދުގެ ހަނދާންތައް އައުކޮށްދިނުމުގެ ގޮތުން ބިނާކުރެވުނު ތަނެކެވެ.
މި ރަސްމިއްޔާތު ބޭއްވުނީ ހއ. އުތީމުގައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ. ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިނާގެ ފަރުމާއާއި ތަފްސީލުތައް ބައްލަވާލައްވާފައެވެ.

“ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ފަރުމާކޮށްފައިވަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް އިސްވެ ހުންނަވާ ކުރެއްވި ޤައުމީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. މި ބިނާގައި މައިގަނޑު ހައެއް ތަނބު ހިމެނޭއިރު، އެ ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާ ގޮތަށެވެ.
މިއިން ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި ހައެއް ބަޠަލުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މުޙައްމަދު ތަކުރުފާނާއި، އަލި ތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ އިތުރުން ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ.
ބިނާގެ މަތީބައިގައިވާ ހައެއް ފާނޫޒުން ރޭގަނޑު އަލިކޮށްދޭއިރު، މިއީ މުޅި ޤައުމަށް އުންމީދާއި އަލިކަން އަލުން ލިބިގެންދިޔަކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. މަތީބައިގައި ދިވެހި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ފެންނަން ހުންނަ ގަލުވަޑާމުގެ ނަކަލެއް ހިމަނާފައިވެއެވެ.
ބިނާގެ ހުރަސް ތަނބުތަކުގައި ސޯޅަވަނަ ގަރުނުގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔެލާޖެހި މަސައްކަތް ހިމެނެއެވެ. މެދުގައިވާ ބޮޑު ދޮރާށްޓަކީ މިނިވަން ޤައުމަކަށް ވަދެވޭ މަގުކަން ރަމްޒުކޮށްދޭ އާޓެކެވެ. މިއިން ރަމްޒުކޮށްދެނީ ބޮޑުތަކުރުފާނު އިސްލާމްދީނުގެ ޙައްޤުގައި ކުރެއްވި ޖިހާދާއި، ދިވެހިން އިސްލާމްދީނަށް އަހުލުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ.
މި ބިނާގައި ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ “ތާރީޚީ ހަނދާން” މި ޅެން ކަނޑާނެގިފައިވެއެވެ. މީގެ އިތުރުން ބިނާގެ މަތީގައި ދިވެހި ދައުލަތުގެ ނިޝާން ހަރުކޮށްފައިވާއިރު، ބިނާގެ ބިންގާ ފަރުމާކޮށްފައިވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ސިޑިބަރިތަކެއްގެ މައްޗަށެވެ.
އުތީމުގެ ބަނދަރުމަތީ ސަރަޙައްދުގައި މީގެ ކުރިންވެސް ކަޅުއޮއްފުންމީގެ ނަކަލެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ވަނީ ޤާއިމުކޮށްފައެވެ. އަލަށް ހުޅުވުނު މި ބިނާއާއެކު ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިގެންގޮސްފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ “ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު”ގެ ޢަމަލީ ފެށުން ކަމަށެވެ. އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ސަރުކާރުގެ ތަޞައްވުރެކެވެ.
މިފަދަ ތަރިކައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ގެސްޓްހައުސްތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި، ޓުއަރ ގައިޑުންގެ ޚިދުމަތްތަކަށް އޮންނަ ތަރުހީބު އިތުރުވެގެންދާނެއެވެ.








ކިޔުންތެރިންގެ ހިޔާލު