ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ބާޒާރަށް ދޫކުރަމުންދާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި “އިޤްތިޞާދު ހަމަމަގަށް” ޕެނަލް މަޝްވަރާގައި، ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ މުޙައްމަދު ސައީދު ދެއްކެވި ވާހަކަފުޅުގައެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދާއި ބީއެމްއެލްއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އަދި ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ބޭރު ފައިސާއަށް، ޚާއްޞަކޮށް ޑޮލަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަކީ ބޭންކުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. ކާޑު މުޢާމަލާތްތަކާއި، ޓީޓީ ހެދުމާއި އަދި އެހެނިހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިއަން ޑޮލަރު ދޫކުރަމުންދާއިރު، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި ޖުމްލަ 570 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި، ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ ދޫކުރެވިފައިވަނީ 10 ބިލިއަން ރުފިޔާގެ ލޯނު. ނަމަވެސް މި އަހަރުގެ މިވީ 7 މަސްދުވަހުގެ ތެރޭގައި، އިޤްތިޞާދީ ހަރަކާތްތަކަށާއި ވިޔަފާރިތަކުގެ އިތުރުން އާންމުންގެ ބޭނުންތަކަށް 9 ބިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކުރެވިއްޖެ،” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.2 މިލިއަން ޑޮލަރު ނަގަމުންދާ ކަމަށާއި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން އެ މުއްދަތުގައި ޖުމްލަ 188 މިލިއަން ޑޮލަރު އޭޓީއެމްތަކުން ނަގާފައިވެއެވެ. މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު، މާލެ ސަރަހައްދުގައި ހުރި އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔަ 6 ލައްކަ ޑޮލަރުގެ އަދަދު، އަތޮޅުތެރެއަށް ޚިދުމަތް ފުޅާވުމާއެކު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވި 166 މިލިއަން ޑޮލަރާއި، ރާއްޖެއިން ބޭރަށް ފޮނުވި ރެމިޓެންސް މުޢާމަލާތްތަކުގެ އަދަދު 311,722 އަށް އަރާފައިވާކަން ބޭންކުން ފާހަގަކުރެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.
ކްރެޑިޓް އަދި ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތްތަކަށްވެސް ބޭންކުން ބޮޑު ހޭދައެއް ކޮށްފައިވެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ކާޑު މުޢާމަލާތްތަކަށް 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ. ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ބޭރު ފައިސާގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް އެ ބޭންކުން މެދުނުކެނޑި ކުރިއަށް ގެންދާނެއެވެ.








ކިޔުންތެރިންގެ ހިޔާލު