ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމުތަކަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު މިއަދު މަޖިލީހަށް އެމަނިކުފާނު ފޮނުއްވައިފިއެވެ.
އެލްޖީއޭގެ ބޯޑުގެ މެންބަރުންގެ ތެރެއިން މަޖިލީހުން އައްޔަންކުރާ ތިން މެންބަރެއްގެ ދައުރުގެ މުހުލަތު އަންނަ ސެޕްޓެންބަރު މަހު 20 ވަނަ ދުވަހު ހަމަވާނެއެވެ. އެ ތިން ބޭފުޅުންގެ ގޮނޑިއަށް އައްޔަންކުރެއްވުމަށް މިހާތަނަށް ރައީސް ފޮނުއްވީ ދެ ބޭފުޅެއްގެ ނަންފުޅެވެ.
އެގޮތުން ރައީސް ހުށަހެޅުއްވި އެއް ނަންފުޅަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވައި އެ ދާއިރާއިން ތަޖުރިބާ ހާަސިލުކުރައްވާފައިވާ ގދ.ގައްދޫ، ތިބްރޯޒްގެ، އާއިޝަތު އާރިފާއެވެ. އެއީ އެލްޖީއޭ ބޯޑުގެ އަންހެން މެންބަރެއްގެ ގޮތުގައި އައްޔަންކުރެއްވުމަށް ހުށަހެޅުއްވި ބޭފުޅެކެވެ.

ދެން ރައީސް ހުށަހެޅުއްވީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބޯޑަށް އައްޔަންކުރެއްވުމަށް ހުށަހެޅުއްވި ނަންފުޅެވެ. އެއީ ށ.ކަނޑިތީމު، ރަތްވިލާގޭ މުހައްމަދު އާރިފެވެ. އާރިފަކީ ލާމަރުކަޒީ ދާއިރާގެ ހިންގުމުގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެލްޖީއޭގެ ބޯޑުގައި ކައުންސިލުތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް އަންނަ ހޮނިހިރުދުވަހު ވޯޓު ނަގާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، އެވޯޓު ނެގުމަށް ހަމަޖައްސަންޖެހޭ ބައެއް ކަންކަން ހަމަނުޖެހޭތީ އެ ވޯޓުވަނީ ފަސްކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު