ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަށާއި ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޝަންމުގަރަނަމް އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
މީގެ އިތުރުން، ސިންގަޕޫރަކީ ސަރަހައްދީ ފެންވަރުގައި އީޖާދީ، އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ދެމިއޮންނާނޭކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، އިތުބާރާއި، ސަރަހައްދީ އަމަންއަމާންކަމާއި ކުރިއެރުމަށް ދެ ގައުމުން ހިއްސާކުރާ އަޒުމުގެ މަތީގައި ބިނާވެފައިވާ، ޒަމާންވީ ރަހުމަތްތެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވޮންގް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރާއެކު އޮންނަ ގާތް، ރަޙުމަތްތެރި ގުޅުން، ދިވެހިރާއްޖެއަށް މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވިޔަފާރި އާއި ވުނަކުރުމާއި، ތައުލީމާއި ގާބިލިއްޔަތު އިތުރުކުރުމާއި، ފަރުދީ ފެންވަރުގައި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ ސަބަބުން، އެ ގުޅުން ބަދަހިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ދެ ގައުމުން ހިއްސާކުރާ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ބޮޑުވަޒީރު ވޮންގް އާ އެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ދެބޭފުޅުންނަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވާފައިވަނީ، ސިންގަޕޫރުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު