ރާއްޖޭގެ އެކިކަންކޮޅުތަކަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި މި ޚިދުމަތަކީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ލާމަރުކަޒީކޮށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތަޢާރަފުކުރެވުނު މުހިންމު ޚިދުމަތެކެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އަމިއްލަ ރަށާ ގާތުން އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެކެވެ.
ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކު، ގދ. އަތޮޅުން ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް “ކަލެކްޝަން ޕޮއިންޓް”ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫވެސް މިހާރު އިޚްތިޔާރު ކުރެވޭނެއެވެ. ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ އިމިގްރޭޝަންގެ “އިމުގާ” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން މީގެ ކުރިން ބޮޑު ހޭދައެއްކޮށް، މާލެއަށް ދަތުރުކުރަން ޖެހުމަކީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެކެވެ. އެގޮތުން އެތައް ޚަރަދެއްކޮށް މާލެ ގޮސް އެތައް ދުވަހެއް ހޭދަކުރަން ޖެހުނު ނަމަވެސް، މި ބަދަލާއެކު މާލީގޮތުން އުފުލަންޖެހުނު ބޮޑު ބުރައަށް ހައްލެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ ކުރިން އިމިގްރޭޝަނުން ވަނީ ބ. ދަރަވަންދޫގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ.









ކިޔުންތެރިންގެ ހިޔާލު