ސިލްސިލާކޮށް ބާއްވަމުން އަންނަ “މޯލްޑިވްސް ލިވިންގް އެކްސްޕޯ” ގެ 14 ވަނަ އެޑިޝަން އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.
2013 ވަނަ އަހަރުން ފެށިގެން ހައިރައިޒް އިންޓަނޭޝަނަލް އިން އިންތިޒާމުކުރާ މި އެކްސްޕޯއަކީ، ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އަދި ހަމައެކަނި ހަރަކާތެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ހަރަކާތް ފައްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ޑރ. ޢަބްދުﷲ މުއްތަލިބެވެ.
ހައިރައިޒް އިންޓަނޭޝަނަލް އިން މައުލޫމާތު ދިން ގޮތުގައި މި އެކްސްޕޯ މެދުވެރިކޮށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޕްރޮޕަޓީ ޑިވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިންގ އަދި ފަރުނީޗަރު ވިޔަފާރިތަކުގެ އިތުރުން، ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބައިވެރިވެ، އެ ފަރާތްތަކުންދޭ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭކަމަށް ހައިރައިޒްއިން ބުނެފައިވެއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އެވެ. އަދި ކޯ-ސްޕޮންސަރުންގެ ގޮތުގައި ބްލޫ ލެގޫން ބައި ވީ.ސީ.އައި.އެލް އަދި ލިއޯ ހޯމްސް ހިމެނެއެވެ.
ހައިރައިޒް އިން ބުނީ، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކާއި އާންމު ރައްޔިތުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާ މަޝްރޫއުތަކުގެ މަޢުލޫމާތާއި ޚާއްސަ އިނާމުތައް ލިބޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު