އިންޑޮނީޝިއާގެ މަދޫރާ ޖަޒީރާ ކައިރީ ދަތުރުކުރަމުންދިޔަ ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހަކު މަރުވެ 41 މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
މުތީއާރާ ސެންތޯސާ 2 ނަމަކަށް ކިޔާ މި ފެރީ ދަތުރުކުރަމުންދިޔައީ އިންޑޮނީޝިއާގެ އީސްޓް ޖާވާ ޕްރޮވިންސްގެ ސުރަބާޔާއިން ސައުތު ސުލަވެސީގެ މަކައްސަރަށެވެ. އިންޑޮނީޝިއާގެ ނެޝެނަލް ސާޗް އެންޑް ރެސްކިއު އެޖެންސީ (ބަސާރނާސް) އިން ހާމަކުރި ގޮތުގައި އަލިފާން ރޯވި ވަގުތު އެ އުޅަނދުގައި 232 ފަސެންޖަރުންނާއި 39 ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 271 މީހުން ތިއްބެވެ.
އަލިފާން ރޯވިކަން ކަމާ ބެހޭ ފަރާތްތަކަށް ފެރީ އޮޕަރޭޓް ކުރާ ކުންފުނިން އެންގީ އަލިފާން ރޯވިތާ އެއް ގަޑިއިރު ފަހުންނެވެ. އަދި އޭގެ ފަހުން ފެރީއާ ގުޅުން ކެނޑުނު ކަމަށް އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނެފައިވެ އެވެ.

ފެރީ އޮތްތަން އެ އެޖެންސީން ހޯދީ އެ ސަރަހައްދުން ދަތުރު ކުރި އެހެން ބޯޓަކާއި ގުޅައިގެންނެވެ. ނަމަވެސް އެ ބޯޓުގައި އަލިފާން ހިފާ ޒާތުގެ މުދާ ހުރުމުން ކައިރި ކުރެވެން ނެތް ކަމަށް އެންގި ކަމަށްވެ އެވެ.

އެ ބޯޓުން އާންމު ކުރި ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި ލައިފް ޖެކެޓު އަޅައިގެން ތިބި ގިނަ އަދަދެއްގެ ފަސެންޖަރުން ފެރީގެ ޑެކު މަތީ ސަލާމަތް ކުރާނެ ބަޔެއްގެ އިންތިޒާރުގައި ތިބިތަން ފެނެ އެވެ. އަދި އަނެއް ބަޔަކު އަލިފާން ފެތުރެމުންދާތީ ކަނޑަށް ފުންމާލާތަންވެސް ފެނެ އެވެ.
ރެސްކިއު ބޯޓުތަކުން އެ ސަރަހައްދަށް ދިއުމުގެ ކުރިން ޓަގު ބޯޓަކާއި އެ ސަރަހައްދުން ދަތުރު ކުރި އެހެން ބޯޓަކުން ފެރީއާ ކައިރިކޮށް މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ފެށި އެވެ. މިހާރު އަސކްރީ އުޅަނދެއްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް އިންޑޮނީޝިއާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވެ އެވެ.
ފެރީގައި އަލިފާން ރޯވާން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.
17,000 އަށް ވުރެ ގިނަ ޖަޒީރާ ހިމެނޭ އިންޑޮނީޝިއާގައި ކަނޑުމަތީ ހާދިސާތައް ގިނައިން ހިނގައެވެ. މިދިޔަ މަހުވެސް އެ ގައުމުގެ ބޯޓެއް ބަންޑުން ޖަހާލައި 18 މީހުން ގެއްލުނެވެ.









ކިޔުންތެރިންގެ ހިޔާލު