ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކަށް ގަވާއިދާ ޚިލާފަށް އުކާލާފައިވާ ކުނިތައް ސާފުކުރުމަށްޓަކައި ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. އެފްޑީސީން މިއަދު ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަގާފައިވާ ކުންޏާއި، އެ މަސައްކަތަށް ހިނގާފައިވާ ޚަރަދުތަކުގެ ތަފުސީލުތައް އާންމުކޮށްފައެވެ.
އެފްޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިނގި މުއްދަތުގައި އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުގެ އާންމު ތަންތަނުން ޖުމުލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލާފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނައްތާލި 3,178 ޓަނުގެ ކުންޏާއި، މިއަހަރުގެ މެއި މަހުން ޖޫން މަހުގެ ނިޔަލަށް ނައްތާލާފައިވާ 1,862 ޓަނުގެ ކުނި ހިމެނެއެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުންޏަކީ ގާތްގަނޑަކަށް 133 ކޮތަޅުގެ ކުނި ކަމަށްވާއިރު، މި މަސައްކަތަށް ހޭދަވި ފައިސާގެ ތަފުސީލަށް ބަލާއިރު، ނިމިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި އޭޕްރީލް މަހު 75,100 ރުފިޔާ ޚަރަދުވިއިރު، މެއި މަހުން ޖޫން މަހުގެ ނިޔަލަށް 4.95 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
އަމާން ޓަވަރުތަކުގެ ފުލެޓުތައް ހަވާލުކުރަން ފެށި މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ގިނަ ބަޔަކު އެ ތަންތަނަށް ބަދަލުވަމުންދާއިރު، ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ބައެއް ޓަވަރުތައް ކައިރީގައި ބޮޑެތި ކުނިފުނިތައް ހެދި، ކުނި ގިނަވަމުންދާތީ އާންމުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެފްޑީސީއަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން އެފްޑީސީން ވަނީ ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން، ބައެއް ފަރާތްތައް ޖޫރިމަނާކޮށްފައިވާކަން ވެސް ހާމަކޮށްފައެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް އާންމު ތަންތަނަށް ކުނި އެޅުމުގެ ނޭދެވޭ އާދަ މުޅިން ހުއްޓުވިފައެއް ނުވެއެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި، ކުނި ނައްތާލުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އުކާލުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ކުންފުނިން ކުރަންޖެހޭ ޚަރަދުތައް ނިސްބަތުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުނި މެނޭޖުކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވެފައިވާއިރު، ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު މަގުމައްޗަށް އުކާލުމާއި، ކުނި ވަކިނުކޮށް އެއްކޮށްލައިގެން އުކާލުން ފަދަ މައްސަލަތައް އާންމުކަން ފާހަގަކުރެވެއެވެ.
މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ޚަރަދުތައް ކުޑަކުރުމަށާއި، ހިތްފަސޭހަ ސާފު މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، އާންމުން ހޭލުންތެރިކުރުވުމާއި، ވެމްކޯގެ ޚިދުމަތްތައް ހަރުދަނާކޮށް ގަވާއިދުން ކުނި ނެގޭނެ އިންތިޒާމުތައް ފުޅާކުރުމުގެ އިތުރުން، ގާނޫނީ ފިޔަވަޅުތައް ހަރުކަށިކޮށް ރީސައިކަލް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ހުޅުމާލޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.









ކިޔުންތެރިންގެ ހިޔާލު