މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ގަދަވާނެކަމަށެވެ. އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރު ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ފ.ނިލަންދޫ އަށެވެ. އަދި ދެވަނައަށް އެންމެ ވައި ގަދަވެފައިވަނީ ހދ ކުޅުދުއްޓަށެވެ.
މެޓު އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުތަކުގެ ބާނީގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ މިނެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުދަތުރުކުރާ ފަަރާތްތަކުން މިކަންކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ކަނޑުތައް ގަދަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެމުންދާ އެލާޓުތަކަށް ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދުދެމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުވެސް އެކި ހިސާބުތަކުގައި ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާފައިވާއިރު، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ކަނޑު ދަތުރުނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.









ކިޔުންތެރިންގެ ހިޔާލު