ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު އެމަޤާމުން ރިޓަޔަރކުރައްވައިފިއެވެ. އޭނާ އެ މަޤާމުން ރިޓަޔަރކުރެއްވީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ސީއީއޯގެ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.
ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އިސްމާޢީލް ވަނީ ދިރާގުގެ ހުރިހާ މުވައްޒަފުންނާއި، އެކުންފުނި މިއަދު އޮތް ހިސާބަށް ގެނެސްދިނުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ދިރާގަކީ ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓަކާއި ގޭބީސީތަކަށް ޚިދުމަތް ދެމުންދާ، ދާއިރާގެ އެންމެ ކުރީގައި އޮތް ކުންފުނިކަން އިނގިރޭސިބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިސްމާޢީލް ވަނީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އޮތް ޓީމުން ފެށިގެން އެ ކުންފުންޏަށް ގާތްގަނޑަކަށް 40 އަހަރު ދުވަހު ހިދުމަތްކުރައްވާފައެވެ. އަދި ދިރާގުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2015އެވެ. އިސްމާޢީލް ވަނީ ރާއްޖޭގައި ޖީއެސްއެމް ޚިދުމަތް ތައާރަފްކުރުމާއި، ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ހިންގުމާއި، 2006 ގެ ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލްގެ އިތުރުން އެތެރޭގެ ސަބްމެރިން ކޭބަލްތައް އަޅައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 2011 ގެ އައިޕީއޯ މާކެޓްކޮށް މެނޭޖްކުރުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.

އިސްމާޢީލް ރިޓަޔަރކުރެއްވުމާއި ގުޅިގެން އެމަޤާމަށް މިއަދު ހަވާލުވަޑައިގަތީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒްއެވެ. އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކުއެވެ.
ދިރާގުގެ ސީއީއޯގެ މަޤާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮންއިން، ދިރާގު ބޯޑުގެ ކޮމިޓީގެ ބެލުމުގެ ދަށުން އައްޔަންކުރާ މަގާމެކެވެ.









ކިޔުންތެރިންގެ ހިޔާލު