މާލެ ސިޓީގައި އަލަތު ކައިވެނިކުރާ ފަރާތްތަކަށް ވަލީމާ ބޭއްވުމަށް ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިއީ ޒުވާނުންނަށް މާލީ ގޮތުން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، މޭޔަރު އާދަމް އާޒިމްގެ ކެމްޕެއިން ވައުދުފުޅަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ނިންމާފައިވަނީ، މިކަމުގައި އަމަލުކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށްފަހު، ވީހާވެސް އަވަހަކަށް އެ އުސޫލު އާންމުކޮށް، ހިލޭ ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މިއީ ބަޖެޓާ ގުޅުންހުރި ކަމަކަށްވާތީ، މޭޔަރު އާޒިމް ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށާއި ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީއަށް ފޮނުއްވާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މިއީ މޭޔަރުގެ ވައުދުފުޅަކަށް ވުމާއެކު، ވީހާވެސް އަވަހަކަށް އުސޫލު ހަމަޖެހި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގު ފަހިވުމަކީ ކައުންސިލުން ބޭނުންވާ ގޮތް ކަމަށެވެ. ލަބާންގެ ވާހަކައަށް ތާއީދުކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް މުޅި ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މި މައްސަލައިގައި ކޮމިޓީތަކުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް އެކަން ތާވަލުކުރެވޭނެއެވެ. އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމާފައިވާއިރު، މިހާރުވެސް ކައިވެނީގެ ހަފުލާތައް ބޭއްވުމަށް ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކޮށްގެން ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބެމުންދެއެވެ. ނަމަވެސް އައު އިންތިޒާމު ހަމަޖެހުމުން މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން އުންމީދުކުރެއެވެ.









ކިޔުންތެރިންގެ ހިޔާލު