ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން “ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ” ތަޢާރަފުކޮށްފިއެވެ.
މިއަދު ފެށި “ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ” ގައި މި ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.
އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ލިބޭނެއެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ.” މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ މެދުވެރިކޮށް، 24 ގަޑިއިރު ތެރޭގައި ލޯނު އެޕްރޫވްކޮށް، ފަސޭހަކަމާއެކު ފައިސާ ދޫކުރެވިގެންދާނެ. މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެ. ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އައު ޖީލުގެ ވިޔަފާރިވެރިން އިތުބާރާއެކު އެމީހުންގެ ވިޔަފާރީގެ ދަތުރު ފަށައިދިނުމަށް.”
މި ފައިނޭންސިންގ އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެކެވެ.









ކިޔުންތެރިންގެ ހިޔާލު