ހަތް އަހަރަށްފަހު ޝައިޚު އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.
އެކަން ހާމަކޮށް ޝައިޚް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހަރުގެ ދިގު މުއްދަތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ، ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ.
އަދި ޝައިޚު އިބްރާހިމް ރަޝީދަށް އިތުބާރު ކުރައްވާ އެ މަޤާމަށް އައްޔަންކުރެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝައިޚްވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިހާރުގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްވި އަގުހުރި ނަސޭހަތާއި، އިރުޝާދަށް ވެސް ޝައިޚްވަނީ ހިތުގެ ފުންމިނުން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އަދި އިސްލާމީ މަރުކަޒުގައި އޭނާއާއެކު މަސައްކަތްކުރެއްވި އިސްއިމާމް ފަޟީލަތުއް ޝައިޚް މުޙައްމަދު ލަތީފް، އަލްހާފިޡް ސަލްމާން މުޙައްމަދު ލަތީފް، އައްޝައިޚް ނަޞްރުﷲ ޢަލީ، އަދި އައްޝައިޚް ޢައްމާރު އިލްޔާސްގެ ނަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައި ވާއިރު، އިސްލާމީ މަރުކަޒުގެ މުއައްޒިން އިމާމް އަޙްމަދު ރަފީޢުއަށް ވެސް ޝައިޚު އިބްރާހިމް ރަޝީދު ޝުކުރުއަދާކުރެއްވިއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެހާ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދުޢާއަކީ މިނިސްޓްރީއަށް އިތުރު ކުރިއެރުމާއި، ފާގަތިކަން މިންވަރު ކުރެއްވުކަމަށް އޭނާ ވިދާޅުވިއެވެ.
ޝައިޚު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، އިމާމްކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ތަޢުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށެވެ. އެގޮތުން މިހާރު ވަޒީފާ އަދާކުރައްވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް ޝައިޚް ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު