ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަކަމާއެކު ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، މަސައްކަތުގެ މާހައުލު ފަހިކޮށްދިނުން ލާޒިމުކުރުމުގެ ގޮތުން ކަމާބެހޭ ގަވާއިދަށް ދިވެހި ސަރުކާރުން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، ރާއްޖޭގައި ވަޒީފާދޭ ހުރިހާ އިދާރާތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލު ފަހިކޮށްދިނުމަކީ މިހާރު މަޖުބޫރު ކަމެކެވެ. މީގެ ތެރޭގައި ވަޒީފާއަށް އެދި ފޯމު ފުރުމާއި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ވަޒީފާދޭ އިދާރާގެ އިތުރުން ކަމާބެހޭ މިނިސްޓްރީން ވެސް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިއީ އެފަރާތްތަކަށް ވަޒީފާގެ ބާޒާރަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލައި، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީފާ ދިނުމުގެ މަރުހަލާގައި މައިގަނޑު ތިން މިންގަނޑަކަށް ބެލުމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ވަޒީފާދޭ ތަނުގައި ހުންނަންޖެހޭ ވަސީލަތްތައް ފުރިހަމަކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށޭނަވާނެހެން މަސައްކަތުގެ މާހައުލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑަށް ފެތޭތޯ ބެލުމެވެ. މީގެ އިތުރުން، ވަޒީފާއަށް އެދޭ މީހުންގެ ގާބިލުކަން ވަޒަންކުރުމަށްޓަކައި ކަމާބެހޭ މިނިސްޓްރީން ހާއްސަ ޕްރޮފައިލެއް ތައްޔާރުކޮށް، އެ މައުލޫމާތު ވަޒީފާދޭ ފަރާތްތަކާ ހިއްސާކުރަން ޖެހޭނެކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި ފަންނީ ލަފާދޭ ކޮމެޓީގެ އޮނިގަނޑަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮމެޓީގެ މެމްބަރަކު މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ މެމްބަރަކު މަގާމުން ވަކިކުރުމުގެ ބާރު ކަމާބެހޭ ވަޒީރަށް މިހާރު ލިބިގެންވެއެވެ. މި ބަދަލުގެ ސަބަބުން ކޮމެޓީގެ މަސައްކަތްތައް ހަލުވިވެ، ނިންމުންތައް ނިންމުމުގައި ހަރުދަނާކަމެއް އަންނާނެކަމަށް ބެލެވެއެވެ.









ކިޔުންތެރިންގެ ހިޔާލު