މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސްކުރުމަށް ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގުމުން، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލްގެ ކުންފުނިން އެކަމަށް ދެކޮޅު ހަދައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލްގެ ކުންފުނި ކަމަށްވާ ފިއުޗާ ހޯމްސްއިން މާފަންނު ސްޓޭޑިއަމްގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަން ހުސްނުކޮށްގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިން ވަނީ މިދިޔަ ހަފުތާގައި ނިންމައިފައެވެ. އެކި ފަހަރު މަތިން ބިން ހުސްކުރުމަށް އެންގުމުންވެސް އެކަމަށް އިއުތިރާޒުކޮށް، ފިއުޗާ ހޯމްސްއިން މިހާރު ވަނީ އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ކުންފުނިން ކޯޓުގައި އެދިފައިވަނީ ބިން ހުސްކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަން ކަނޑައަޅައިދިނުމަށެވެ.
އެފްއޭއެމުން ހާމަކޮށްފައިވާ ގޮތުގައި، ގުދަން ހަދާފައިވާ ސަރަހައްދަކީ 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށް ސަރުކާރުން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމެކެވެ. ފީފާގެ ޚަރަދުގައި ހަދަމުންދާ އިމާރާތުގެ އިރުން ފުޓްބޯޅަ ދަނޑު އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ފިއުޗާ ހޯމްސްއިން ގުދަން ހަދާފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް 25 އަހަރަށް ކަމަށް އެފްއޭއެމުން ބުނެއެވެ. އެއީ އެ ސަރަހައްދުން ކުނި އުކައި ސާފުކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީ ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް ނެތްކަމަށް އެފްއޭއެމުން ކަށަވަރުކޮށްދެއެވެ.

މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި 2700 އަކަފޫޓުގެ ބިމެއްގައި، ޑެގް އަޅައިގެން ދެބުރިއަށް ހަދާފައިވާ މި ގުދަނަކީ ގަވައިދާ ޚިލާފަށް އިމާރާތްކޮށްފައިވާ ތަނެކެވެ. އެފްއޭއެމުން ބުނި ގޮތުގައި މި އިމާރާތްކޮށްފައިވަނީ ކަމާބެހޭ ވުޒާރާ އަދި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމަކާ ނުލައެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ މާލީ އަދި ގާނޫނީ ނުތަނަވަސްކަން މިހާރު ވަނީ ޝަރުއީ މަރުހަލާއަށް ގޮސްފައެވެ.









ކިޔުންތެރިންގެ ހިޔާލު