މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީތޯ ނިންމަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޕޯޗުގަލް ވަނީ ވޯލްޑުކަޕްގެ ގަދަ 16ގައި ސްޕެއިންނާ ވާދަކޮށް 0-1އިން ބަލިވެފައެވެ. މިއާއެކު  ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަރލްޑްކަޕް އުއްމީދަށް ވަނީ ނިމުން އައިސްފައެވެ. ރޮނާލްޑޯ ވަނީ މެޗުގެ ކުރިން މިއީ އޭނާގެ އެންމެ ފަހުގެ ވޯލްޑު ކަޕްކަމަށް ބުނެފައެވެ.

ރޭގެ މެޗުން ބަލިވުމާއެކު ޢުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ޤައުމީ ޓީމުގެ ކެރިއަރު ނިމުނީތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެއަށް ޖަވާބުދެމުން ރޮނާލްޑޯ ބުނީ މިއީ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުތޯ އެހެން ސީދާ ބުނަން ވަރަށް އުނދަގޫކަމަށާއި، އޭނާއަކީ ކަމެއް ދިމާވުމުން އޭގެ ޖަޒުބާތީ ވަގުތުގެ ތެރޭގައި ނިންމުންތައް ނިންމާ މީހެއް ނޫންކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ ރޮނާލްޑޯ ޕޯޗުގަލްއާއެކު ކުޅުނު ހަވަނަ ވޯލްޑު ކަޕްއެވެ. މިއާއެކު ވޯލްޑު ކަޕެއް ކާމިޔާބު ނުކޮށް ކެރިއަރ ނިންމާލުމަކީ އުނިކަމެއްތޯ ސުވާލުކުރުމުން ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ތާރީޚުގައި ފުޓްބޯޅައިން ލިބުނު ހުރިހާ ކާމިޔާބީއެއް ލިބިފައިވަނީ އޭނާ ކުޅެން ފެށިފަހުންކަމަށެވެ.

ޕޯޗުގަލްއާއެކު އަހަރެން ހޯދި އެންމެ ބޮޑު ކާމިޔަބީއަކީ 2016ގެ ޔޫރޯ. އެއީ އަހަރެންނަޑް ވޯލްޑް ކަޕް ފަދަ ކާމިޔާބީއެއް.

ރޮނާލްޑޯ ބުންޏެވެ.

ޔޫރޯގެ އިތުރުން ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއެކު ދެ ފަހަރެއްގެ މަތިން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. ވޯލްޑު ކަޕްގައި އެންމެ ދުރަށް ދެވިފައިވަނީ ސެމީ ފައިނަލާ ހަމައަށެވެ. އެއީ، މީގެ 20 އަހަރު ކުރިން، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގައެވެ.

ވޯލްޑު ކަޕުން ކެޓުމާ ގުޅިގެން ޕޯޗުގަލްގެ ކޯޗުކަމުން ރޮބާޓޯ މާޓިނޭޒް ވަނީ އިސްތިއުފާ ދީފައެވެ.