އާސަންދައިން ފައިސާ ނުދައްކާ ބޭހަކަށް ކަސްޓަމަރެއްގެ އަތުން ފައިސާ ނެގިކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.
އިއްޔެ ހެނދުނު ސްޓޭޓް ފާމާގެ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ދޫކުރި ބޭހަކާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑުން ވަނީ ދޮގުކޮށްފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކަސްޓަމަރަށް ދޫކޮށްފައިވާ ބޭހުގެ ޖުމުލަ އަގަކީ 2977.15 ރުފިޔާ ކަމަށެވެ. މިއީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވިޔަސް، މި ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނާ ސްލިޕެއްގެ ދަށުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ކުންފުނީގެ ލެޓާހެޑްގައިވާ ކޮޓޭޝަނެއްގައި ބޭހުގެ އަގު 6000 ރުފިޔާއަށްވުރެ މަތީގައި ހުރިކަމަށް ދައްކާފައިވުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން ބުނީ، އެއީ ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމުގެ ސަބަބުން ކަމަށެވެ. އަދި ބާޒާރުގައި ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތައް ތަފާތުވުމަކީ އާންމުކޮށް ހިނގާ، އެކަށީގެންވާ ކަމެއްކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އާސަންދައިން ކަވަރު ނުކުރާ ބޭސްތަކަކީ ގިނަ ފަހަރަށް ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސްތަކެއްކަމަށް ސްޓޭޓް ފާމާއިން މައުލޫމާތުދެއެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުގެ އަތުން ސީދާ ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމަކުން ހަބަރު ފެތުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ބޭސް ދޫކުރުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިންކަމުގެ ފުރިހަމަ ޔަގީންކަން ސްޓޭޓް ފާމާއިން ވަނީ އާންމުންނަށް އަރުވާފައެވެ.









ކިޔުންތެރިންގެ ހިޔާލު