އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ނަގާ ލޯނަށްް ބޭނުންވާ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ ގެދޮރުވެރިކަމާ ގުޅޭ ވައުދުފުޅުތައް ފުއްދެވޭނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގެދޮރުވެރިކަމާ ގުޅޭ ވައުދު ފުއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.
“އަދި އެބަ މަސައްކަތްކުރަން ހައުސިން ޓްރަސްޓު ފަންޑު ގާއިމުކޮށްގެން، މިހާރު ހުރި ފަންޑު ބޮޑުކޮށްގެން އިތުރު ފުރުސަތުތައް ދޭންވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ. އެގޮތުން އަޅުގަނޑުމެން މަސައްކަތްކުރަނީ ފަންޑު ބޮޑުކޮށްގެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބޭ ޖާގައިންނާ އެކީގައި އަދި މި އަހަރު ތެރޭގައިވެސް މަސައްކަތްކުރާނަން އިކުއިޓީ ފައިނޭންސް ދެވޭ ގޮތަށް،” ރައީސް
އެގޮތުން އަތޮޅު ތެރެއާއި މާލޭގައި ފެށިފައިވާ ގެދޮރުވެރިކަމާ ގުޅޭ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 13 ރަށެއްގައި ބީއެމްއެލްގެ ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެ ނިމިފައިވާކަމަށާއި، މާލޭގައި ބީއެމްއެލްއިން އަޅަން ނިންމާފައިވާ ފުލެޓުތަކުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށޭނެ ކަމަށެވެ.
އޭގެ އިތުރަށް ތަފާތު އައު ފައިނޭންސިން މޮޑެލްތަކުގެ ދަށުން ބައެއް ހައުސިން މަޝްރޫއުތައް ފެށުމަށް ތައްޔާރުވެ، އަމިއްލަ ކުންފުނިތަކާއެކު އެ މަސައްކަަތްތައް ފެށުމަށްް އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަންް އެމަނިކުފާނު މިއަދު އިއުލާނުކުރައްވާފައިވެއެވެ.
ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ހައުސިން ޓްރަސްޓް ފަންޑު އިތުރަށް ފުޅާކުރައްވައި އެ ފަންޑުގައި މިހާރު ހުރި ފައިސާ އިތުރުކުރެއްވުމެވެ. އެ ފަންޑުގައި ހުރި ފައިސާ އިތުރުކުރައްވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ އެ ފަންޑުން ހަމަޖައްސައިދިނުމެވެ.
އެމަނިކުފާނު ވިދާޅުވީ ހައުސިން ޓްރަސްޓު ފަންޑު ބޮޑުކޮށް އިކުއިޓީ ފައިނޭންސިން އެ ފަންޑުން ހަމަޖައްސައިދިނުމުން އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބޭންކުތަކުން ލޯނު ނެގުމުގެ ފުރުސަތު އިތުރަށް ފަހިވާނެ ކަމަށެވެ.
މިހާރު ބޭންކުތަކުން ލޯނު ނެގުމުގައި ވަރަށް ގިނަ މީހުންނަށް އޮތް ދައްޗަކީ ނުވަތަ ހުރަހަކީ އިކުއިޓީ ހަމަނުޖެހުންކަަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހައުސިން ޓްރަސްޓު ފަންޑުން އިކުއިޓީ ފޯރުކޮށްދެވޭ ގޮތަށް ހަމަޖެހުމުން ވަރަށް ގިނަ ފަރާތްތަކަށް ބޭންކުން ފައިސާ ހޯދައިގެން ގެދޮރު ބިނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.












ކިޔުންތެރިންގެ ހިޔާލު