އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ގއ. ގެމަނަފުށީގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ގއ. ގެމަނަފުށީގައި ބިނާކުރާ އައު މިސްކިތުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން މިވަގުތު އެންމެ ބޮޑަށް ކުރިއަށްދަނީ މިސްކިތުގެ ވުޟޫކުރާ ބައިގެ ޝަޓަރިން މަސައްކަތްކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. މައިގަނޑު އިމާރާތުގެ އިތުރުން، ވުޟޫކުރާނެ ހާއްސަ ސަރަހައްދަކާއި، މުންނާރެއްގެ އިތުރުން މިސްކިތުގެ ވަށާފާރު ރޭނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއަށް 7،780،395.62 ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކުރެވެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.










ކިޔުންތެރިންގެ ހިޔާލު