”ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަންތަކާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފި އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިރޭ ބުނީ ”ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 58،505 އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ.
އެއީ ފްލެޓަށް އެދި 35،930 އެޕްލިކޭޝަނާއި ގޯއްޗަށް އެދި 22،575 އެޕްލިކޭޝަނެވެ.
“ބޯހިޔާވަހިކަން އެންމެނަށް” ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މިހާރު ދަނީ ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގޯތި ދޫކުރަން ބިން ހިއްކަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު