ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤު (ސޯބެ) މެމްބަރުކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހުގެ ހެނދުނު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އަބްދުﷲ ޞާދިޤު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައެވެ. މި ހުވާކުރެއްވުން އޮންނާނީ މި ހަފުތާއަށް ތާވަލުކުރެވިފައިވާ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވާ ދުވަހުގައެވެ.
ހޮނިހިރު ދުވަހު ބޭއްވި ބައިއިލެކްޝަންގައި އަބްދުﷲ ޞާދިޤު ގޮނޑި ކާމިޔާބުކުރެއްވީ 1375 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ހިތަދޫ މޫލެކެޑެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޯޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.
އަބްދުﷲ ޞާދިޤު މެމްބަރުކަމުގެ ހުވާކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ އަދަދު 13 އަށް އިތުރުވެގެންދާނެއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. އެ ޕާޓީން މިހާރުވެސް މަޖިލީހުގެ 74 ގޮނޑި ކޮންޓްރޯލްކުރެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ސިނާނު (ސިނާ) ގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ.
މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން ސިންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު