މި އަހަރުގެ ތެރޭގައި ލޭ ހަދިޔާކުރާ ފަރާތްތަކަށް ޚާއްޞަ ރެޖިސްޓްރީއެއް ތަޢާރަފުކުރާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ޙަލީމް ވިދާޅުވީ، މި މުނާސަބަތަކީ ރާއްޖޭގައި ތެލެސީމިއާ ފަރުވާ އާއި ލޭގެ ޚިދުމަތްތައް ހަރުދަނާކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާމެދު ފުންކޮށް ވިސްނާލުމަށް ލިބޭ ފުރުޞަތެއް ކަމަށާއި، މި ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް އައު އަޒުމެއް ކަނޑައެޅުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.
ސަރުކާރުން ކޮށްދެއްވާފައިވާ މުހިންމު ކަންތައްތައްޙަލީމްގެ ބަޔާނުގައި، ތެލެސީމިއާގެ ދާއިރާއަށް މިހާރުގެ ސަރުކާރުން ކޮށްދެއްވާފައިވާ މުހިންމު ބައެއް ކަންކަން ފާހަގަކުރެއްވިއެވެ.

މިގޮތުން، މިދިޔަ އަހަރުގެ މެއި މަހުގެ ފަންސަވީސް ވަނަ ދުވަހު ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމަކީ ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރާއި ޚިދުމަތް ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރެއް ޤާއިމުކުރުމަކީ ބަލިމީހުންގެ ޞިއްޙަތު މޮނިޓަރކުރުމަށާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަން:
- ތެލެސީމިއާ ބަލިމީހުންނަށް ޚާއްޞަ މާލީ އިނާޔަތެއް ތަޢާރަފުކުރުން.
- ތެލެސީމިއާ ބަލިމީހުންނަށް ޚާއްޞަ ޕޭޝަންޓް ރެޖިސްޓްރީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުން.
- ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތްތައް ފެށުމާއި ހުކުރު ދުވަސްދުވަހު ލޭ އަޅައިދިނުމުގެ ޚިދުމަތް ތަޢާރަފުކުރުން.
- ބަލިމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު ހުރިގޮތް ބެލުމަށް އެމްއާރްއައި ޓީޓޫ ސްޓާރގެ ޚިދުމަތް ތަޢާރަފުކުރުން.
- އެންޑޯކްރިނޮލޮޖީ، ހީމަޓޮލޮޖީ އަދި އެޗްއެލްއޭ ޓައިޕިންގ ޚިދުމަތްތައް ފެށުން.
މި އަހަރުގެ މިހާތަނަށް ތެލެސީމިއާ ހުންނަ ހަތަރު ކުއްޖަކު އުފަންވެފައިވާކަން ފާހަގަކުރައްވައި، ޙަލީމް ވަނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ކުރިން އެޅިދާނެ ފިޔަވަޅުތައް ކުރިއެރުވުމަށްޓަކައި ކައުންސެލިންގ ޚިދުމަތްތައް ހަރުދަނާކުރުމަކީ އެމްސީޖީއެޗްގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި އޭނާ ވިދާޅުވިއެވެ.
ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ އާއި، ތެލެސީމިއާއިން ރައްކާތެރިވުމާއި ބަލި ކޮންޓްރޯލްކުރުމާ ގުޅޭ މުހިންމު މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ ހަރުދަނާ ނިޒާމެއް މި އަހަރު ތަޢާރަފުކުރެވޭނެކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލައިޒް ކުރެވިފައިވާ ބްލަޑް ޑޯނަރ ރެޖިސްޓްރީއެއް ވެސް މި އަހަރުގެ ތެރޭގައި ތަޢާރަފުކުރެވޭނެކަން ޙަލީމް އިޢުލާނުކުރެއްވިއެވެ.
ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމަށް ގެންނެވި ތާރީޚީ އިޞްލާޙުތަކަށްޓަކައި، ޙަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ތެލެސީމިއާ ކުދިންނަށް ޤަދަރުވެރި އަދި ފުރިހަމަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުންކަން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުން، ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ރޭވިފައިވުމާއި، ޒަކާތު ފަންޑުގެ އެހީގައި ކަށީގެ މަދު ބަދަލުކުރުމުގެ ފަރުވާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުން އޭނާ ފާހަގަކުރެއްވިއެވެ.





ކިޔުންތެރިންގެ ހިޔާލު