މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރުމަށްޓަައި ޗައިނާގެ ޓީމެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިިމް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކޮންމެ ގައުމަކުންވެސް ހިލޭ އެހީދިނުމަށް ހާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ އިރު ޗައިނާއިންވެސް މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެ ގައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަންގެ ކަންކަން ވަކިން ޓެންޑަކޮށް، ޕްރޮކިޔާ ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެކަމުގެ ސަބަބުން ކަމަށެވެ.

އެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން ޑިޒައިން މަސައްކަތްތަކަށް މިމަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަ ކުރާނެ ކަމަށާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.





ކިޔުންތެރިންގެ ހިޔާލު